ދިވެހި
Surah الغاشية - Aya count 26
هَلْ أَتَاكَ حَدِيثُ الْغَاشِيَةِ 
( 1 ) 
ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ) އެބަހީ: قيامة ގެ ވާހަކަ (ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
وُجُوهٌ يَوْمَئِذٍ خَاشِعَةٌ 
( 2 ) 
އެދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ.
عَامِلَةٌ نَّاصِبَةٌ 
( 3 ) 
މަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ.
تَصْلَىٰ نَارًا حَامِيَةً 
( 4 ) 
ހޫނުކަން ގަދަވެގެންވާ ނަރަކަޔަށް އެއުރެން ވަންނާނެތެވެ.
تُسْقَىٰ مِنْ عَيْنٍ آنِيَةٍ 
( 5 ) 
ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ.
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ 
( 6 ) 
ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ.
لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ 
( 7 ) 
) އެ ކެއުމަކުން (ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ.
وُجُوهٌ يَوْمَئِذٍ نَّاعِمَةٌ 
( 8 ) 
އެދުވަހުން نعمة ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ.
لِّسَعْيِهَا رَاضِيَةٌ 
( 9 ) 
ދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވެއެވެ.
فِي جَنَّةٍ عَالِيَةٍ 
( 10 ) 
މަތިވެރިވެގެންވާ ސުވަރުގޭގައެވެ.
لَّا تَسْمَعُ فِيهَا لَاغِيَةً 
( 11 ) 
) ގެއްލުންދެނިވި (ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެތެވެ.
فِيهَا عَيْنٌ جَارِيَةٌ 
( 12 ) 
ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ.
فِيهَا سُرُرٌ مَّرْفُوعَةٌ 
( 13 ) 
އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ.
وَأَكْوَابٌ مَّوْضُوعَةٌ 
( 14 ) 
އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ.
وَنَمَارِقُ مَصْفُوفَةٌ 
( 15 ) 
އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ.
وَزَرَابِيُّ مَبْثُوثَةٌ 
( 16 ) 
އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ.
أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ 
( 17 ) 
ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ.
وَإِلَى السَّمَاءِ كَيْفَ رُفِعَتْ 
( 18 ) 
އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟
وَإِلَى الْجِبَالِ كَيْفَ نُصِبَتْ 
( 19 ) 
އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެެވެ؟
وَإِلَى الْأَرْضِ كَيْفَ سُطِحَتْ 
( 20 ) 
އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟
فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ 
( 21 ) 
ފަހެ، ކަލޭގެފާނު) އެއުރެންނަށް (ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ.
لَّسْتَ عَلَيْهِم بِمُصَيْطِرٍ 
( 22 ) 
އެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.
إِلَّا مَن تَوَلَّىٰ وَكَفَرَ 
( 23 ) 
ފުރަގަސްދީ، كافر ވި މީހަކަށް މެނުވީއެވެ.
فَيُعَذِّبُهُ اللَّهُ الْعَذَابَ الْأَكْبَرَ 
( 24 ) 
ފަހެ، اللّه، އެމީހަކަށް ބޮޑުވެގެންވާ عذاب ން عذاب ދެއްވާނެތެވެ.
إِنَّ إِلَيْنَا إِيَابَهُمْ 
( 25 ) 
ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ.
ثُمَّ إِنَّ عَلَيْنَا حِسَابَهُم 
( 26 ) 
ދެން އެއުރެންގެ حساب ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ.